ސަރުކާރުގެ ”ބިންވެރިޔާ“ ޕްރޮގްރާމްގެ ދަށުން ގޯތި ލިބުނު މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި އޭނާގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވެސް ހިމެނިއްޖެއެވެ.
މި ދެމަފިރި ކަނބަލުންނަށް ގޯތި ލިބިވަޑައިގަތީ ތިން މީހަކު ހިމެނިގެން ފޯމު ލީ އެންމެންގެ ޝަރުތު ހަމަވެ، 71.59 މާކްސް ލިބިގެންނެވެ.
ރޮޒައިނާ އާއި ނާޝިޒަކީ މިހާރު ވެސް އާއިލީ ގޮތުން މާލޭގައި ބިންތައް ހުރި ތަފާތު ބޮޑެތި ވިޔަފާރިތައް ވެސް ހިންގާ އާއިލާތަކަށް ނިސްބަތްވާ ބޭފުޅުންނެވެ. އަދި ދެމަފިރިންގެ އަމިއްލަ ވަކި ވިޔަފާރިތައް ވެސް ހުރެއެވެ. ރޮޒައިނާގެ މަންމަ ނިސްބަތްވާ އައްޑޫ ފޭދޫގައި ވެސް އޭނާގެ ގެއެއް ހުރެއެވެެ.
ރޮޒައިނާ އާއި އޭނާގެ ފިރިކަލުންނަށް ގޯތި ދިނުމާ ގުޅިގެން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. އެގޮތުން މީސްމީޑިއާގައި ބައެއް މީހުން ކޮށްފައިވާ ކޮމެންޓުތަކަށް ބަލާއިރު، ”ރޮޒައިނާ މެންނަކީ ނިކަމެތި ބައެއް ކަމަށާއި، އެމީހުންނަށް ގޯތި ދިނީ، ޙާލަތު ބެލި ޓީމުން“ ކަމަށް މީހަކު ފޭސްބުކްގައި ކުރި ކޮމެންޓެއްގައި ވެއެވެ.
މާލެ ސަރަހައްދުން ގޯތި ލިބުނު އިތުރު މަޖިލިސް މެމްބަރުން ވެސް ހިމެނެއެވެ. އެއީ، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒާއި، މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމާއި، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދާއި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާއި، މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު(ބޮންޑޭ) އާއި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި، ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ.
