ތިމާވެށި ހިމާޔަތް ކުރުމަށް ކުރެވެން ހުރި ކަންކަން ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިިފިއެވެ.

Ads by Asuru

އެމަނިކުފާނު މިކަމަށް ގޮވާލައްވާފައިވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ހިތާބުގައެވެ.

މި ހިތާބުގައި ރައީސް ސޯލިހު ވަނީ މިބިމުގެ ވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ، މިބިންމަތީގައި އިންސާނީ ދިރުން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ވިދާޅުވެފައެވެ.

އެގޮތުން، ދިވެހީންގެ އަމަލުތަކުން ކަނޑުތައް ތަޣައްޔަރު ނުކުރުމާއި، ގޮނޑުދޮށްތަކާއި ފަރުތައް ހަލާކު ނުކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަންދިނުމާއި، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ހަމަހަމަ ގޮތެއްގައި ކުރިއަށް ގެންދިއުމާއި، ދިރިއުޅުމުގެ ބޭނުންތަކަށްޓަކައި، މާހައުލީ ނިޒާމަށް ގެއްލުން ނުދިނުމާއި ގަސްތައް ކަނޑައި ހުސްނުކުރުން ފަދަ ކަންކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ރައީސް ސޯލިހު ވިދާޅުވިގޮތުގައި، ތިމާވެށި ޙިމާޔަތްކުރުމާއި އެކަމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ވާހަކައަކީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި މިހާރު ދެކެވޭ ވާހަކަތަކެކެވެ.

އަދި، ތިމާވެށީގެ ނުރައްކާތަކާ ސީދާ ގޮތުން ކުރިމަތިލާން ނުޖެހޭ އެންމެ ޤައުމެއްވެސް މިހާރު މި ބިންމަތީގައި ނެތުމުގެ ސަބަބުން ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރުމަކީ، އަދި އެކަމަށްޓަކައި މަސައްކަތް ކުރުމަކީ، ހަމަ ކޮންމެ ފަރުދެއްގެ ވާޖިބަކަށް އަދި ކޮންމެ ގައުމެއްގެ މަސްއޫލިއްޔަތަކަށް މިހާރު ވެއްޖެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ދުނިޔޭގެ ހޫނުމިން މަތިވަމުން ދަނީ، މި ބިމުގެ ގުދުރަތީ ނިޒާމާއި މި ބިންމަތީގައި ދިރިއުޅޭ އިންސާނުންވެސް އެކަމަށް ހޭނުމަށް ނުކުޅަދާނަހާ ހަލުވިމިނެއްގައިކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވަނީ ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމާ ގުޅިގެން ކުރިމަތިވާ ނުރައްކާތަކަށް އަލިއަޅުއްވާލައްވާފައެވެ.