ނ. މާފަރުން ފެނުނީ ”މިނިކާވަގެއްވެއް“ ނޫން ކަމަށާއި ފެނުނު ކަމަށް ބުނާ އެތީގެ ފަރާތުން ނުރައްކަލެއް ނެތް ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ކައުންސިލުން މިހެން ބުނީ ރަށުން ފެނުނު ”މިނިކާވަގު“ ހޯދަން ސިފައިން މިއަދު ހަތިޔާރާ އެކީ ރަށަށް އަރައި ހިންގި އޮޕަރޭޝަނަށް ފަހުއެވެ.

އެގޮތުން އިއްޔެ ”މިނިކާވަގު“ ފެނުނު އެއާޕޯޓް ސަރަހައްދާއި ރަށުތެެރޭގައި ސިފައިން ހަރަކާތްތެރިވިއެވެ.

އެކަމާ ގުޅިގެން މާފަރު ކައުންސިލުން ބުނީ އެމްއެންޑީއެފުން ބެލިބެލުމުން މިނިކާވަގެއް ފަދަ ޖަނަވާރެއް ފެނިފައި ނުވާ ކަމަށެވެ.

ނަމަވެސް އިއްޔެ އާންމުވި ވީޑިއޯއެއްގައި އެއާޕޯޓް ސަރަހައްދާ ދިމާލުން ދުރުން ނަގާފައިވާ ވީޑިއޯއިން މިނިކާވަގެއް ކަހަލަ ބޮޑު ޖަނަވާރެއް ހިނގާފައި ދާ ތަން ފެނެއެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފުން ރަސްމީކޮށް ވަކި އެއްޗެއް ނުބުނެއެވެ.