އަޟްޙާ އީދަށް މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމުގެގޮތުން މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި މާލެ ސިޓީ ކައުންސިލުން ވަނީ ހަރުކޮށްފައެވެ.
ސްމާޓް ލައިޓްތަކުން މިއަދު މެންދުރުން ފެށިގެން ވަނީ ތަކުބީރު އިއްވަން ފަށާފައެވެ.
ސިޓީ ކައުންސިލުން ބުނީ މިއަދު ތަކްބީރު ޖަހާނީ ހަވީރު 4:15 އިން އިރުއޮއްސި 6 ގެ ނިޔަލަށް ކަމަށެވެ. އަދި މިރޭ 8:15އިން 11:30އަށް ތަކްބީރު ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މާދަމާ މެންދުރުފަހާއި ރޭގަނޑު އަދި ބުރާސްފަތި ދުވަހު ވެސް ތަކްބީރު ޖެހުމަށް ހަމަޖެހިފައި ވާކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އަޟްހާ ޢީދަށް މަރުޙަބާ ކިޔުމަށް މާލެ އާއި ވިލިމާލެ ކުލަބޮކިތަކުން ދިއްލައި ޖަރީ ކޮށްފައިވަނީ މާލެ ސިޓީ ކައުންސިލުންނެވެ.
