އިސްލާމް ދީނުގައި އީދު ފާހަގަ ކުރަނީ ޝަހުވަތްތަކުގެ ފަހަތުން ދިއުމަށް ނޫން ކަމަށާއި، މި ދުވަހަކީ ހައްދުތައް ގިރާ ކުރަން ހުޅުވޭ ދޮރެއް ނޫން ކަމަށް އީދު ޚުތުބާގައި ބުނެފިއެވެ.

އީދު ހުތުބާގައި ބުނެފައިވަނީ އިސްލާމީ އީދަކީ އެކަނިވެރިޔާ އޭނާގެ އާއިލާގެ މަތިން، ފަޤީރު މީހާ އޭނާގެ މުހުތާދުތަކުގެ މަތިން، ބީރަށްޓެހިމީހާ އޭނާގެ ރަށްޓެހިންގެ މަތިން އަދި ބިދޭސީ މީހާ އޭނާގެ ޤައުމުގެ މަތިން ހަނދާން ކޮށްދޭ ދުވަހެއް ކަމަށެވެ. އަދި މިއަދަކީ އެންމެނަށް މާތް ރަސްކަލާނގެ ހަނދުމަވާންވީ ދުވަސް ކަމަށެވެ.

”އިސްލާމްދީނުގައި އީދު ފާހަގަކުރުމަކީ، ޝަހުވަތްތަކުގެ ފަހަތުން ދިއުމެއް ނޫނެވެ. އެއީ މާތް ރަސްކަލާނގެ  ޙައްދުތަކާއި، ހުރުމަތްތައް ގިރާކުރުމަށް ހުޅުވައިލެވޭ ދޮރެއް ނޫނެވެ.“ ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނެފައިވަނީ އިސްލާމް ދީނުގައި އީދުތަކަކީ މާާތް ރަސްކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމާ ވިދިގެން އަންނަ ދުވަސްތަކެއް ކަމަށެވެ.

މީގެއިތުރުން ޚުތުބާގައި ބުނެފައިވަނީ އީދު ދުވަހަކީ އުފާ ފާޅުކުރުމުގެ ދުވަހެއް ކަމަށާއި އެހެންނަމަވެސް މި އުފާ ފާޅުކުރަންވާނީ މާތް ރަސްކަލާނގެ ކަނޑައަޅުއްވާފައިވާ އިމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން ކުޅިވަރު ކުޅުމާއި، އުފާކުރުމާއި، ކެއިންބުއިމަކީ އީދުގެ އުފަލުގެ ބައެއް ކަމަށް ބުނެފައިވެއެވެ. އަދި އަހަރެމެން އީދު ފާހަގަކުރަންވާނީ އެހެން މީހުން އީދު ފާހަގަކުރާ ގޮތް ކޮޕީކޮށްގެން ނޫން ކަމަށްވެސް ބުނެފައިވެއެވެ.