ލީބިޔާއަށް އެރި ތޫފާނެއްގައި ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި، 2،000އެއްހައި މީހުން މަރުވެ، 10،000 މީހުން ގެއްލިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ލީބިޔާގެ އިރުމަތީ ސިޓީއެއް ކަމުގައިވާ ޑާނާއަށް، ފެންބޮޑުވުމުގެ ހާދިސާގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. އެގޮތުން ބޮޑެތި އިމާރާތްތަކަށް ވެސް ގެއްލުން ލިބިފައިވާއިރު، އެތައް ބައެއްގެ ގެދޮރު ވަނީ ގެއްލި، މަގުމަތި ވެސް ވެފައެވެ.

އޮފިޝަލުން ހާމަކުރާ ގޮތުގައި، މި ހާދިސާގައި މަރުވި މީހުންގެ އަދަދު އަދިވެސް ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

ޑާނާ ސިޓީގެ އިސް ބޭފުޅަކު ވިދާޅުވީ، އެ ސިޓީގެ 25 އިންސައްތަ ”ފޮހެވިގެން ގޮސްފައިވާ“ ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ ކަމަށާއި، އެތައް އިމާރާތެއް ބިމާ ހަމަވެފައިވާ ކަމަށެވެ.