ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މާލެއާއި ހުޅުލެއަށް 90 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހިފައިވާ ކަމަށާއި، މުޅި ރާއްޖެއިން އެންމެ ބޯކޮށް ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވުނީ ގއ. ގެމަނަފުއްޓަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ.
އިއްޔެ އިރުއޮއްސުނު ވަގުތުން ފެށިގެން މާލެ ސަރަހައްދަށް ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި އާދަޔާ ޚިލާފަށް ފެންބޮޑުވެފައިވާއިރު، އަތޮޅުތެރޭގެ ބައެއް ރަށްރަށަށް ވެސް ވިއްސާރަވެ އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.
މެޓް އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ވާރޭ ވެހުނު ގެމަނަފުއްޓަށް 101.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ދެވަނައަށް އެންމެ ބޯކޮށް ވާރޭ ވެހުނު ހުޅުލެއަށް 90.3 މިލިމީޓަރުގެ ވާރޭ ރެކޯޑު ކުރެވުނުއިރު، ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު މާލެއަށް 90 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. މީގެ އިތުރުން ހުޅުމާލެއަށް 60 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
މިއަދުގެ އިރުއޮއްސި 6:00 އާ ހަމައަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެއެވެ.
ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ފާހަގަކުރެއެވެ.

