މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނުގައި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު، އއ ބޮޑުފޮޅުދޫއަށް ވަޑައިގެން އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި އިތުރު ކަންކަން އިއުލާނު ކުރައްވައި، އެ ރަށަށް ވެސް ތަރައްގީގެ އުއްމީދު ދެއްވައިފިއެވެ.
މިއަދު ހެނދުނު ބޮޑުފޮޅުދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް އެރަށުން ވަރަށް ހޫނު މަރުހަބާއެއް ވަނީ ކިޔައިފައެވެ.
ބޮޑުފޮޅުދޫގެ ރައްޔިތުންނަށް ވެސް މުއިއްޒު ދެއްވި ޔަގީންކަމަކީ، ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި، ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަމެވެ.
މުއިއްޒު ބޮޑުފޮޅުދޫއަށް ވެވަޑައިގެންނެވި ވައުދުތައް:
- ބިން ހިއްކުން
- ނެޓްބޯޅަ، ވޮލީ އަދި ފުޓްސެލް ފަދަ ކުޅިވަރު ފެސިލިޓީސް ތަރައްގީ ކުރުން
- ސްކޫލްގެ ކްލާސް ރޫމްގެ ޖާގައިގެ ދަތިކަން ހައްލު ކުރުން
- ރަށުގެ ބަނދަރު އިތުރަށް ތަރައްގީ ކުރުން
- ޓޫރިޒަމް ދާއިރާއިން އިންވެސްޓް ކުރަން ބޭނުންވާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ފަހި ކޮށްދިނުން

މުއިއްޒު ވިދާޅުވި ގޮތުގައި، އެމަނިކުފާނު ކުރިއަށް ގެންދަވަން ރާއްވަވައިފައިވާ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ، ރައްޔިތުން އިތުބާރުކޮށް ފުރުސަތު ދެއްވުމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ތަރައްގީ ގެނައުމުގައި އެމަނިކުފާނު އެއްވެސް ރަށެއް ތަފާތު ނުކުރައްވާނެ ކަމަށެވެ.
