އިޒްރޭލުގެ ޔަހޫދީން ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުން އަންނަ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލި މީހުންގެ 40 އިންސައްތަ އަކީ ކުޑަ ކުދިން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އަލްޖަޒީރާ ނޫހުން ބުނީ، ޔަހޫދީންގެ ހަމަލާތަކުގައި ފަލަސްޠީނުގެ ގާތްގަނޑަކަށް 5،100 މީހުން ޝަހީދު ކޮށްލައިފައިވާ ކަމަށާއި، އެ އަދަދުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށެވެ. އެގޮތުން ދެހާހަށް ވުރެ ގިނަ ކުދިން ވަނީ ޝަހީދުކޮށްލައިފައެވެ.

 

ފަލަސްޠީނުގެ ކުޑަކުދިން

 

ހޯމަ ދުވަހު އެކަނި ވެސް އިޒްރޭލުން ފަލަސްޠީނުގެ ޣައްޒާއަށް ވައިގެ މަގުން 300 ހަމަލާ ދިނެވެ. އެ 24 ގަޑިއިރުގެ ތެރޭގައި އެކަނި ވެސް ފަލަސްޠީނުގެ 400 މީހުން ޝަހީދުވިއެވެ.

އެތައް އިމާރާތްތަކެއް މުޅިންހެން ސުންނާފަތިވެފައިވާއިރު، ޣައްޒާގެ ރައްޔިތުންނަށް ބޯފެން ލިބުމުގައި ވެސް އިންތިހާއަށް ދައްޗެވެ.

ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް އާއި އިޒްރޭލުގެ ހަމަލާ ބަދަލުކުރުންތައް ހުއްޓައިލަން މިސްރު އަދި ޤަތަރު މެދުވެރިވެގެން މަޝްވަރާ ކުރަމުން އަންނައިރު، ހަމާސް އިން މިރޭ ވަނީ އިޒްރޭލުގެ އިތުރު ދެ އަސީރުން މިނިވަންކޮށްފައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން ބުނީ، ހަމަލާ ބަދަލުކުރުންތައް ހުއްޓައިލެވޭނީ ރަހީނު ކުރި މީހުން ދޫކޮށްލުމުން އެކަނި ކަމަށެވެ.