ފަލަސްޠީނުގެ ޣައްޒާގައި މުވާސަލާތީ ޚިދުމަތްތައް ކަނޑާލުމަށްފަހު ނުބައިނުލަފާ އިޒްރޭލުގެ ޔަހޫދީން ވައިގެ މަގުންނާއި އެއްގަމު މަގުން ވަރުގަދަ ހަމަލާތަކެއް މިރޭ ދެމުން އެބަދެއެވެ.
މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުކޮށްފައިވާއިރު، މިފަހަރު މި ހަމަލާތައް ރައްދުކޮށްފައިވަނީ ޣައްޒާގެ އުތުރު ސަރަހައްދަށެވެ.
ޔަހޫދީ ނިރުބަވެރިންގެ އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއެލް ހަގާރީ ބުނީ އިސްރާއީލްގެ އަސްކަރިއްޔާ އިން ދޭ ވައިގެ ހަމަލާތައް ވޭތުވެދިޔަ ގަޑިއިރުތަކުގެ ތެރޭގައި އިތުރުކޮށްފައިވާ ކަމަށެވެ. އެއްގަމު މަގުން އަރައި ހަމަލާތައް ދިނުމުގައި ދެމިތިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
އޭނާ ބުނީ އެއާ ފޯސް އިން ދަނީ ބިންގަރާސްތަކަށް ހަމަލާ ދެމުން ކަމަށާއި މި ހަމަލާތައް މިރޭ އިތުރަށް ފުޅާ ކުރާނެ ކަމަށެވެ.
ފަލަސްތީނަށް އެހީވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނުން މިރޭ ބުނީ، ޣައްޒާއާއި ގުޅުން ކެނޑިފައި އޮންނަތާ ގަޑިއިރަކަށްވުރެ ގިނައިރު ވެފައިވާ ކަމަށެވެ.