އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ޣައްޒާގެ މުވާސަލާތީ ޚިދުމަތާއި، ކަރަންޓާއި، އިންޓަރނެޓުގެ ޚިދުމަތް ކަނޑައިލައި ހައްދެއް ނެތި، ޣައްޒާގެ އުތުރަށް ބޮން އަޅަމުން އެބަދެއެވެ.
ފަލަސްޠީނުގެ ޣައްޒާގެ ދެ މިލިއަން ރައްޔިތުން މިހާރު ތިބީ ކަނު އަނދިރީގައި ކަމަށް ޚަބަރު ލިބެއެވެ. އަދި މިރޭ އެކަނިވެސް ޣައްޒާގެ އުތުރުން އެތައް ބަޔަކު ޝަހީދުކޮށްފައިވާ ކަމަށް ”ޓައިމްސް އޮފް ޣައްޒާ“އިން ރިޕޯޓް ކުރެއެވެ.
ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ، ޑަބްލިޔުއެޗްއޯއިން މިރޭ ބުނީ، ޣައްޒާގައި ތިބި އެ ޖަމުޢިއްޔާގެ މުވައްޒަފުންނާއި ވެސް ގުޅުން ކެނޑިފައިވާ ކަމަށެވެ.
ކަނުއަނދިރީގައި އެތައް ބަޔަކު ޝަހީދު ކުރަމުން އަންނައިރު، މުވާސަލާތު ކުރެވޭނެ ގޮތެއް ނެތުމުން، ސިއްޙީ ޚިދުމަތްތެރިންނަށް ޒަޚަމްވެފައިވާ މީހުންނާއި ހަމައަށް ފޯރުމުގައި ވެސް ވަނީ ދަތިތައް ކުރިމަތިވެފައެވެ.
ޔަހޫދީން މިރޭ ކަނޑުމަގުންނާއި ވައިގެ މަގުން ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަ ކުރިއިރު، ފަލަސްޠީނުގެ ދިފާޢުގައި ހަނގުރާމަ ކުރާ ހަމާސް އިން ބުނީ، އެއްގަމުން އަރަން ޔަހޫދީން ބޭނުންނަމަ، އެކަމަށް ތައްޔާރު ކަމަށެވެ.
