އެޓަރނީ ޖެނެރަލް (އޭޖީ)ގެ ލަފާފުޅާއެކު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިނުގަންނަވަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ”ރާއްޖެ އެމްވީ“ އަށް ވިދާޅުވީ މިނިސްޓަރު އެގޮތަށް ނިންމެވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމަށްފަހު އެ މައްސަލަ ނުނިންމައި މަޖިލީހުގެ އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭޖީން ގާނޫނީ ލަފާ ދެއްވާފައިވާތީ ކަމަށެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕީޖީ ގްރޫޕުން މަޖިލީހަށް ހުށަހަޅާފައިވާއިރު އާދީއްތަ ދުވަހާއި ހޯމަ ދުވަހުގެ ޖަލްސާއަށް އެ މައްސަލައިގައި ގޮތެއް ނިންމަން އެޖެންޑާ ކުރިއެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ ސަލާމުގައި ހުންނެވުމުން މައްސަލަ ކުރިއަށް ގެންދެވިފައެއް ނުވެއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން، ރިޔާސަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފިނަމަ މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ކުރިއަށްގެންދެވޭނީ އެ މައްސަލައާމެދު ގޮތެއް ނިންމުމަށްފަހުއެވެ.
އެހެންވެ އެ މަސައްކަތް ނުނިންމާ އިތުރު އެއްވެސް ކަމެއްގައި އެއްބާރުލުން ނުދޭނެ ކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ މީގެ ކުރިން ވެސް ބުނެފައެވެ.
