ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު، މޫސާ އަލީ މަނިކު(މޫކޭ)އަށް ހަމަލާދީ މާރާމަރީ ހިންގި މައްސަލައެއް ފެންމަތިވެ، އެފަދަ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ހޯމަ ދުވަހު މޫސަ އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައި ވިދާޅުވީ ހޯމަ ދުވަހުގެ ހަވީރު ދަރިފުޅާއެކު ސައިކަލުގައި އިންނަވަނިކޮށް، ހަޑިހުތުރު ބަހުން ވާހަކަ ދައްކައި މީހަކު އޭނާއަށް މަރުގެ އިންޒާރުދީ، މާރާމާރީ ހިންގާފައި ކަމަށެވެ. އަދި އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅުއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޒާރު ދިން މީހާގެ ފޮޓޯއެއް އެ ޕޯސްޓުގައި ހިމެނުއްވި ނަމަވެސް، އިތުރު ތަފްސީލެއް މޫސަ ދެއްވާފައެއް ނުވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ އެފަދަ މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
