އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު 49 ބިލިއަން ރުފިޔާއަށްވުރެ ބޮޑުނުވާނެހެން ފާސްކުރުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ލަފާދެއްވާފައިވާ ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ބުނެފިއެވެ.
އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވީ ބަޖެޓް ފަރުމާ ކުރުމަށް ފިނޭންސް މިނިސްޓްރީ އާއި އިންތިޚާބީ ރައީސްގެ އޮފީހުން މަސައްކަތް ކުރިއިރު، މުޢިއްޒު އެދިވަޑައިގެންފައި ވަނީ 49 ބިލިއަން ރުފިޔާގައި ބަޖެޓު ހިފަހައްޓާލުމަށް ކަމަށެވެ.
”އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ، އެމަނިކުފާނުގެ ނިންމެވުން އަދި އިރުޝާދަކީ 2024 ވަނަ އަހަރުގެ ބަޖެޓް 49 ބިލިއަން ފަހަނައަޅާ ނުދިއުން.“ ފިރުޒުލް ވިދާޅުވިއެވެ.
މުޢިއްޒު ލަފާ ދެއްވީ މެދުރާސްތާގައި ދިވެހި ދައުލަތުގެ މާލީ ހާލަތަށް ހުރި ގޮންޖެހުންތަކަށް ދުރަށް ވިސްނަވައިގެން ބަޖެޓްގެ ކަންކަން ފަރުމާ ކުރުމަށާއި، ދައުލަތުގެ ދަރަންޏާއި ލިބޭ އާމްދަނީއާ ދެމެދު ހުރި ފަރަގުތައް ކުޑަކުރެއްވުމުގެ ބޭނުމުގައި ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށްފައި ވަނީ 49.5 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
