ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ޕީޕީއެމް/ޕީއެންސީ އިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބާއްވާ ޕްރައިމަރީ އަންނަ އަހަރުގެ ޖެނުއަރީ 20 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖައްސާފައި ކަމަށެވެ.

އދި، ރައްޔިތުންގެ މަޖިލީހުގެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓަށް ޝައުޤުވެރިވެރިވާ ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މި އަހަރުގެ ޑިސެންބަރު 20 އިން ފެށިގެން 31 ގެ ނިޔަލަށް ހުޅުވާލާ ގޮތަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް ބަޔާނުގައިވެއެވެ.

އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީ އިން ވާދަ ކުރުމަށް ކެންޑިޑޭޓުން ނެރޭނީ ދެޕާޓީ އެކުގައި އެއް ކޯލިޝަނަކުން ކަމަށް ވެސް ބަޔާނުގައިވެއެވެ.

އިލެކްޝަންސް ކޮމިޝަން(އީސީ) އިން ބުނި ގޮތުގައި، މަޖިލިސް އިންތިޚާބު ބާއްވާނެ ތާރީޚު އިޢުލާނު ކުރާނީ މި މަހުގައެވެ.