ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް ލިބިވަޑައިގަންނަވާ ކުރީގެ ރައީސުންގެ އިނާޔަތް ކަނޑާލަންޖެހޭކަމަށް މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ ދައުރު ހަމަ ނުކުރައްވާ، ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކަނޑައިލަން ޖެހޭ ކަމަށެވެ. ރައީސް ނަޝީދުގެ ނަން، އެ ޕޯސްޓުގައި ގެންނަވައިފައެއް ނުވެއެވެ.
ރައީސް ނަޝީދު އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ފުރިހަމަ ކުރައްވައިފައެއް ނުވެއެވެ. އެމަނިކުފާނު ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު، އަމިއްލަފުޅަށް މަޤާމުން އިސްތިއުފާ ދެއްވައިފައެވެ.
ރައީސް ނަޝީދަށް އަމާޒުވާ ގޮތަށް، ނުސީދާކޮށް އިކްރާމް މިފަދަ ވާހަކައެއް ދެއްކެވިއިރު، ނަޝީދުގެ އިތުބާރު ނެތްކަމަށް ފާސްކޮށް، އެމަނިކުފާނު މަޤާމުން ވަކިކުރަން އެމްޑީޕީން ދަނީ މަސައްކަތް ކުރަމުންނެވެ.
މި މައްސަލައިގައި މަޖިލިސްވެސް ހުއްޓުމަކަށް ގޮސް، އެމްޑީޕީން މިހާރު ވަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ވެސް ވައްދައިފައެވެ.
