ފަލަސްޠީނުގެ ޣައްޒާއަށް އިޒްރޭލުގެ ޔަހޫދީން ހަމަލާތައް ދެމުން އަންނަތާ މަސް ދުވަސް ވާން ކައިރިވެފައިވާއިރު، އިއްޔެ ވެސް އެތައް ބަޔަކު ދިރިއުޅެމުން އަންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ހަމަލާ ދީފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، މި ހަމަލާގައި 195 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ. އަދި 120 މީހަކު އިމާރާާތްތަކުގެ ދަށުވެ، ވަނީ ގެއްލިފައެވެ.

ޣައްޒާގައި މިހާރު ހުރި، ކެންސަރަށް ފަރުވާ ދޭ ހަމައެކަނި ހޮސްޕިޓަލު ވެސް ޔަހޫދީންގެ އަނިޔާވެރިކަމުން ސަލާމަތެއް ނުވެއެވެ. ތެޔޮ ހުސްވެ، އެ ހޮސްޕިޓަލުން ޚިދުމަތް ދިނުން ވަނީ ހުއްޓައިލަން ޖެހިފައެވެ.

ހަނގުރާމައިގެ ޙާލަތު މި ހިސާބަށް ދިޔުމުން، އިޒްރޭލަށް ވާގިވެރިވާ އެމެރިކާއިން މި ވަނީ، ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަލާ ބަދަލުކުރުންތައް މި ވަގުތަށް ހުއްޓައިލަން ގޮވައިލައިފެއެވެ. އެ ޤައުމުގެ ރައީސް ޖޯ ބައިޑެން މިގޮތަށް ގޮވައިލީ، ޣައްޒާގައި ތާށިވެފައި ތިބި އެމެރިކާ ރައްޔިތުންނަށް ސަލާމަތުން ޤައުމަށް އެނބުރި ދެވޭނެ ގޮތް ހެދުމަށެވެ.

އިޒްރޭލުން ފަލަސްޠީނަށް ހަމަލާ ދޭން ފެށީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ. އޭގެ ފަހުން، ހަނގުރާމަ ދިގުލައިގެން ގޮސް، އިޒްރޭލުގެ ސިފައިން ވަނީ ޣައްޒާއަށް އެއްގަމު މަގުން އަރައިފައެވެ. ނަމަވެސް މިކަމުގައި ޔަހޫދީންނަށް މާ ބޮޑަށް ކުރި ނުލިބެނީ ފަލަސްޠީނުގެ މުޖާހިދުންގެ ހަމަލާތައް ކުރިމަތިވާތީއެވެ. އިއްޔެ އެކަނި ވެސް ޔަހޫދީ ސިފައިންގެ 16 މީހަކު ވަނީ މަރައިލައިފައެވެ.