ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކުން ދުރުހެލިވެ ތިބެ، ފަރުދީ މަސްލަހަތުގެ މައްޗަށް ޤައުމީ މަސްލަހަތު އިސްކުރުމަށް ރައީސް އިބްރާހީމް މުައްމަދު ސާލިހު ގޮވައިލައްވައިފިއެވެ.
މިއަދު ފާހަގަކުރަމުން އަންނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ފޮނުއްވި ޚިތާބުގައި އެމަނިކުފާނު ވިދާޅުވީ ދިވެހިން މަސައްކަތް ކުރަންވީ، ދަރިންގެ ހިތްތަކުގައި ގައުމުގެ މިނިވަންކަމާއި، ސިޔާދަތު ރައްކާތެރިކުރުމަށް ފަރުދީ ގޮތުން މަސައްކަތް ކުރުމުގެ ރޫޙު އަށަގެންނެވުމަށް ކަމުގައެވެ.
މީގެ އިތުރުން ކުޑަކުދިންގެ ހިތްތަކުގައި ގައުމީ ލޯބި އާލާކޮށް، ގައުމީ މަސްލަހަތު އިސްކުރުމުގެ ސިފަ އެކުދިންގެ ކިބައިގައި ހަރުލެއްވުމަކީ، ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ވަރަށް މުހިންމު ބޭނުމެއްކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަސްރުގެ ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ސަރުކާރާއި ރައްޔިތުން ގުޅިގެން، އެއް ރޫހެއްގައި އެއް އަޒުމެއްގައި އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ހޭލުންތެރިވުންކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނުގެ ޚިތާބުގައި ނޮވެންބަރު ތިން ވަނަ ދުވަހު ދިވެހިންނާ ކުރިމަތިވި ބިރުވެރި ހާދިސާގައި، ދިވެހިންނަށް ނަސްރު ލިބުމުގެ ސިއްރަކީ، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރު ގުޅިގެން ކުރި މަސައްކަތާއި، ޖިހާދުގެ ސަބަބު ކަމަށެވެ.
ހަމައެއާއެކު، އެދުވަހު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެވުނީ، ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި މިނިވަންކަމަށްޓަކައި ގުރުބާންވުމުގެ ރޫޙު ދިވެހިންގެ ކިބައިގައި ވަރުގަދަކަމުންކަމުގައި ވެސް ވިދާޅުވިއެވެ.
ރައީސް ވަނީ ނުރައްކާތެރި ލާއިންސާނީ އުދުވާންތަކަކާ ކުރިމަތިލާންޖެހިފައިވާ، މުސްލިމް އަޚުންނާއި އުޚުތުންގެ ހާލަތު ވެސް ފާހަގަކުރައްވާފައެވެ.
އެގޮތުން ފަލަސްޠީނުގެ މިނިވަންކަމާއި ސިޔާދަތު ނިގުޅައިގަނެ، ޒަޔަނިސްޓުންގެ އިސްތިޢުމާރީ އަޅުވެތިކަމުގައި ފަލަސްޠީނުގެ ރައްޔިތުން ކަސްތޮޅު އަޅުވާފައި ތިބޭތާ 75 އަހަރު ވެގެން ދިޔައިރު، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން މިއަދު ތަޙައްމަލު ކުރަމުން އެދަނީ، މިޒަމާނުގެ އިންސާނީ ތާރީޚު ނުދެކޭހާ އަނިޔާވެރި ލާއިންސާނީ ޢަމަލުތަކެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ބައިނަލްއަގުވާމީ މުޖްތަމައުގެ ހުރިހައި ކަންކޮޅެއްގައި، ޒަމާނީ ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކުގެ އަޑު ގުގުމަމުންދާ މި ޒަމާނުގައި، ފަލަސްޠީނުގެ ރައްޔިތުންނަށް ވުރެ ވަކިން ބޮޑަށް، އެ ޙައްޤުތަކުން މަހުރޫމް ކުރެވި ނިކަމެތި ކުރެވިފައިވާ އެހެން ބަޔަކު އަދުގެ ދުނިޔޭގައި ނެތެކަމުގައި ވެސް ފާހަގަކުރެއްވިއެވެ.
