އިޒްރޭލްގެ ނުބައި ނުލަފާ ޔަހޫދީންގެ އަނިޔާވެރިކަމަށް ނިމުމެއް ނެތެވެ. މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ހަމަލާ ދޭން ފެށިފަހުން، 9300އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި، 3،700 ތުއްތު ކުދިން ހިމެނޭ ކަމަށް މަޢުލޫމާތު ލިބެއެވެ.

މިއީ އިޒްރޭލްގެ އަނިޔާވެރިކަމުގެ ވަރަށް ކުޑަ މިންވަރެކެވެ. އަލްޖަޒީރާއިން ހިއްސާ ކުރި ވީޑިއޯއަކުން ފެންނަނީ ޔަހޫދީންގެ ހަމަލާއެއްގައި ޒަޚަމްވި ފިރިހެން ދަރިފުޅު ހޮސްޕިޓަލަށް ގެންދިޔުމުން ވެސް، ދަރިފުޅުގެ ފުރާނަ ސަލާމަތް ނުކުރެވުމުން މަންމައަކު ކަރުނަ އަޅާ ރޯ މަންޒަރެވެ. އޭރު އޭނާގެ ދޮޅުއަހަރު ވަރުގެ ތުއްތު އަންހެން ކުއްޖާ އޮތީ ސިއްހީ ޚިދުމަތްތެރިއެއްގެ އަތުގައެވެ. ނަސީބު ރަނގަޅުކަމުން، ޔަހޫދީންގެ ހަމަލާއިން އެ އަންހެން ކުއްޖާ ސަލާމަތްވީއެވެ.

”އަހަރެން ބޭނުންވަނީ އަޙުމަދު.“ އެ މަންމަ ކަރުނަ އަޅާ ރޮމުން، ގޮވަމުން ދިޔައީ ދަރިފުޅަށެވެ.

މިއީ ފަލަސްޠީނުގެ އެތައްހާސް މަންމައެއްގެ ޙާލެވެ. ލޮލުގެ ކޮއެފަދައިން ގެންގުޅޭ ދަރިން މި ދުނިޔެއާއި ވަކިވެގެންދާތަން ބެލުން ނޫންގޮތެއް އެ މައިންނަށް މިއަދު ނެތެވެ. މި ޙާލަތުގައި ވެސް ފަލަސްޠީނުގެ ރައްޔިތުންގެ ފަރާތުން ފެނިގެންދަނީ އާދަޔާ ޚިލާފު ކެތްތެރިކަމެވެ.