ފަލަސްތީނަށް އެހީވާން އިިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ރާއްޖެ ގޮފިން ހުޅުވާފައިވާ ފަންޑަށް މިހާތަނަށް 28 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
އެ ޖަމާއަތުން ބުނީ އިއްޔެގެ ނިޔަލަށް ދިވެހި ރުފިޔާ އިން ފަންޑަށް ލިބުނު ޖުމްލަ އަދަދަކީ 28،027،420.14ރ. ކަމަށެވެ.
މީގެ އިތުރުން ފަންޑަށް ޑޮލަރުގެ ގޮތުގައި ޖުމްލަ 17،300.50 ޑޮލަރު ލިބިފައިވެއެވެ.
ދިވެހިންގެ ފަރާތުން ލިބޭ މި އެހީން އައިއޭސީން އަންނަނީ ފަލަސްތީންގެ ރައްޔިތުންނަށް މި ވަގުތު އެންމެ މުހިއްމުވާ އަސާސީ ހިދުމަތްތައް ފޯރުކޮށް ދޭން ބޭނުން ކުރަމުންނެވެ.
މިދިޔަ މަހުގެ ހަތްވަނަ ދުވަހު، އިޒްރޭލްގެ ޔަހޫދީން ފަލަސްޠީނަށް ދޭން ފެށި ހަމަލާތަކަށް މަސް ދުވަސް ވާން ކައިރިވީއިރު، މިހައިތަނަށް ޝަހީދުކޮށްލި މީހުންގެ އަދަދު 10،000އާއި ގާތް ކުރެއެވެ.
