އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އައްޑޫ ސިޓީ ހުޅުމީދޫގެ ރައްޔިތުންނަށް އުފާވެރި މެސެޖެއް ދެއްވައިފިއެވެ.
ރޭ ޕީޕީއެމް/ޕީއެންސީން ހުޅުމީދޫގައި ވަނީ ޖަލްސާއެއް ބާއްވައިފައެވެ. މި ޖަލްސާގައި ވަނީ އައްޑޫ ހިތަދޫއާއި ހުޅުމީދޫ އާއި ދެމެދު ބްރިޖު އެޅުމުގެ މަސައްކަތް މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފައްޓަވާނެކަން އިޢުލާނު ކުރައްވައިފައެވެ.
އިންތިޚާބީ ރައީސް މުޢުއްޒުގެ ފަރާތްޕުޅުން މިކަން ހާމަކުރެއްވީ އިންތިޤާލީ ކޮމިޓީގެ ވެރިޔަކަށް ހަމަޖައްސަވާފައިވާ އަބްދުއްރަޙީމްއެވެ.
އޭނާ ވިދާޅުވީ އައްޑޫ އަށް ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ވަޑައިގަތުމުގެ ކުރިން ފޯނުން ގުޅުއްވާ ހުޅުމީދޫގެ ރައްޔިތުންނަށް އެމަނިކުފާނު ފަރާތްޕުޅުން ޚާއްޞަ މެސެޖެއް ރައްދުކޮށްދެއްވުމަށް މުޢިއްޒު އެދިވަޑައިގެންނެވި ކަމަށެވެ.
”ތިމަންނަގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ބްރިޖުގެ މަސައްކަތް ފެށިގެންދާނެއޭ،“ އޭނާ ވިދާޅުވިއެވެ.
ހިތަދޫ އާއި ހުޅުމީދޫ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ ސާވޭ އަށް 30 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.
