ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން ފަލަސްޠީނުގެ 120 އާއިލާއަކަށް ފައިސާ ބަހައިފިއެވެ.

މި ފައިސާ ބަހާފައި ވަނީ އެ ގައުމަށް އެހީވާން ފަންޑް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ ހިދުމަތުގެ ފަރާތުންނެވެ. އެގޮތުން ކޮންމެ އާއިލާއަކަށް 200 ޑޮލަރުގެ މަގުން ފައިސާ ބަހާފައިވެއެވެ.

ދިވެހިންގެ ފަރާތުން ފަލަސްތީނަށް އެހީވުމުގެ ވަރަށް ބާރަށް ކުރިއަށްދާ އިރު، އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ރާއްޖެ ގޮފިން ވެސް ފަލަސްތީންގެ އާއިލާތަކަކަށް ފައިސާ ބަހަމުންދެއެވެ.

މިދިޔަ މަހުގެ 07ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ގާތްގަނޑަކަށް 10،000 މީހުން ޝަހީދުކޮށްލައިފައިވެއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ އެކި ފެންވަރުގައި ފަންޑް ރެއިޒިން ހަރަކާތްތައް ބާއްވަމުންނެވެ.