އުރީދޫން ކޮންމެ އަހަރަކު ބާއްވާ ފަން ރަންއާ އެކު، މި އަހަރު ޑްރޯން ރޭހެއް ވެސް ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
”ފަން ރަން“ އަދި ޑްރޯން ރޭހެއް އަންނަ ޑިސެމްބަރުގައި ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު އުރީދޫން ހުޅުވައިލީ މިއަދުއެވެ.
މި ރަން ކުރިއަށްދާނީ އަންނަ ޑިސެމްބަރު 22، ގެ ހަވީރުއެވެ.
އުރީދޫ ”ފަން ރަން“ އިއުލާނުކުރުމުގެ ގޮތުން މިއަދު އުރީދޫ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ، ހުސެއިން ނިޔާޒް ވިދާޅުވީ، ކަލާ ރަންގެ ނަމުގައި ފުރަތަމަ އެ ކުންފުނިން ފެށި މި ހަރަކާތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ.
އަދި މިހާރު ފަން ރަންއަކަށް ބަދަލުވެފައިވާ މި ހަރަކާތަށް ވަރަށް ގިނަ ކަންތައްތަކެއް އިތުރު ކުރެވިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން ހާއްސަ ހަރަކާތެއްގެ ގޮތުގައި ޑީޖީއައިގެ ރާއްޖޭގެ ޑިސްޓްރިބިއުޓާ ސްޓެބިސިސްއާއި ގުޅިގެން ޑްރޯން ރޭހެއް ބޭއްވުމަށް ނިންމާފައިވާކަމަށް ނިޔާޒް ވިދާޅުވިއެވެ.
”އަޅުގަނޑުމެން އަބަދުވެސް ބަލަން މި ރަން އޮންނަ ދުވަހު ތަފާތު ކަންތައްތައް ކުރެވޭތޯ. މިދިޔަ ފަހަރު އަޅުގަނޑުމެން މޫދު ކުޅިވަރު ކަހަލަ ހަރަކާތްތައް ކުރިއަށް ގެންދިޔައިން. މިފަހަރު އަޅުގަނޑުމެން ތަފާތުކޮށްލުމުގެ ގޮތުން މި ބާއްވަނީ ޑްރޯން ރޭހެއް،“ ނިޔާޒް ވިދާޅުވިއެވެ.
އުރީދޫ ފަން ރަން އަކީ ހުރިހާ އުމުރުފުރާއަކަށް ހުޅުވާލައިގެން މިގޮތަށް ބޭއްވޭ އެންމެ ބޮޑު އެއް ދުވުމުގެ ހަރަކާތެވެ.
މި ދުވުމަކީ ވަކި ވަގުތަކަށް ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައިވިޔަސް، ކޮރަމުންވިޔަސް، ނަށަމުންވިޔަސް ނުވަތަ ދުވެފަވިޔަސް ފުރިހަމަ ކުރެވޭނެ އެވެ.
އުރީދޫ ”ފަން ރަން“ގެ ކިޓުތައް މޫލީ މެދުވެރިކޮށް ގަނެވޭނެއެވެ. އެ ރަންގެ ކިޓުތައް ވިއްކަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭ 100ރ. އަށް ވިއްކާ ސްޓޭންޑަޑް ކިޓާއި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑު އަދި ފޮތި ދަބަހެއްގެ އިތުރުން އައިނާއި ބަންޑެނާ ހިމެނޭ 200ރ. ގެ ފަން ކިޓެވެ.
އުރީދޫން މި އަހަރު ކުޅުދުއްފުށީގައި ވެސް ”ފަން ރަން“ ބޭއްވިއެވެ. މި ދުވުމަށް ވެސް ބޮޑު ތަރުހީބެއް ލިބުނުކަން އެ ކުންފުނިން ފާހަގަކުރެ އެވެ.
އުރީދުގެ ފަން ރަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ ކުރެވިފައިވާ ލިންކު މެދުވެރިކޮށް މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ރެޖިސްޓާ ވެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
