ރާއްޖޭގައި ބާއްވާ ކޮންމެ އިންތިހާބެއްގައި ވާދަކުރައްވާ ކެންޑިޑޭޓުން ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އެ އިންތިޚާބެއް ބާއްވާތާ އެއް މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ ގޮތަށް އިންތިޚާބީ ޤާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ތަސްދީޤު ކުރައްވައިފިއެވެ.
އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް ހަތަރު ވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސް ތަސްދީގު ކުރެއްވި އިރު، މި ބިލަކީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ 11 ވަނަ ޖަލްސާ އިން ފާސް ކުރި ބިލެކެވެ.
އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް ހަތަރު ވަނަ އިސްލާހް ގެނައުމުގެ ބިލުން އެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި، ގާނޫނުގެ 65 ވަނަ މާއްދާއަށް، (ނ) ގޮތުގައި އަކުރެއް ވަނީ އިތުރުކޮށްފައެވެ.
މި އަކުރުގައި ވަނީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން ހައިކޯޓަށް ހުށަހަޅައިގެން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް ސްޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ މުއްދަތު ކަނޑައަޅާފައެވެ. އަދި ސްޕްރީމް ކޯޓުން އެ މައްސަލައަކާ މެދު ގޮތެއް ކަނޑައެޅުމަށް ލިބޭނެ އެންމެ ދިގު މުއްދަތުވެސް މި އަކުރުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، އިންތިހާބުތަކާބެހޭ އާންމު ޤާނޫނުގެ 73 ވަނަ މާއްދާގެ (ހ) އަށް ގެނެސްފައިވާ އިސްލާހުގައި، ކޮންމެ އިންތިހާބަކަށްފަހު، އެ އިންތިހާބެއްގައި ވާދަކުރި ކޮންމެ ކެންޑިޑޭޓެއް، ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އެ އިންތިހާބެއް ބާއްވާ ތާރީހުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
އަދި މިގޮތުން ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ހުއްދަދީފައިވާ ފަރާތަކުން އޮޑިޓްކޮށްފައިވާ މާލީ ބަޔާނަކަށް ވާން ވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުންވެސް އިންތިހާބުތަކާބެހޭ އާންމު ގާނޫނު އަށް ހަތަރު ވަނަ އިސްލާހް ގެނައުމުގެ ބިލުގައި އެކިއެކި މާއްދާތަކަށް އިސްލާހް ހުށަހަޅާފައިވެއެވެ.
