ޔޫއޭއީ ސަރުކާރުގެ ދައުވަތަކަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމަށް ފުރާވަޑައިގެންފިއެވެ.

އިންތިޚާބީ ރައީސް މިއަދު އަބޫދާބީ ފުރާ ވަޑައިގެންފައިވާކަން، އިންތިޚާބީ ރައީސް އޮފީހުން ވަނީ މިޑިއާތަކަށް ކަށަވަރުކޮށްދެއްވައިފައެވެ.

މި ދަތުރުފުޅުގެ ޙަރަދުތައް ހަމަޖައްސަވަނީ ޔޫއޭއީ ސަރުކާރުން ކަމަށް އިންތިހާބީ ރައީސް އޮފީހުން ހާމަކުރައްވައެވެ. ނަމަވެސް ދަތުރުފުޅާއި ގުޅޭ އެއްވެސް އިތުރު ތަފްސީލެއް އެ އޮފީހުން ހާމައެއް ނުކުރައްވައެވެ.

އިންތިހާބީ ރައީސް، ޑރ. މުޢިއްޒު ޔޫއޭއީއަށް ފުރާ ވަޑައިގެންފައިވާއިރު، އެމަނިކުފާނު ވަނީ އިންތިޚާބުވުމަށް ފަހު، ސިންގަޕޫރަށްވެސް މިދިޔަ ހަފްތާގައި ވަޑައިގެންފައެވެ. އެދަތުރުފުޅުގައި ޕާޓީ ލިޑާޝިޕްގެ ބައެއް ބޭފުޅުން ވެސް އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އިންތިޚާބީ ރައީސް، ކެމްޕެއިން ތެރޭގައި ވަނީ އަރަބި ޤައުމުތަކާއި ހާއްސަކޮށް އިސްލާމީ ޤައުމުތަކާއި ގާތް ގުޅުމެއް ބާއްވާނެ ކަމަށް ވިދާޅުވެފައެވެ.