ފައިދާހުރި ކާނާ ކެއުމާއި ދުޅަހެޔޮ ދިރިއުޅުމެއް ކުރިއެރުވުމުގައި ސަރުކާރާއި މުޖުތަމައު ގުޅިގެން މަސައްކަތް ކުރަން ޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.

ފަޒްނާ މިހެން ވިދާޅުވީ މިއަދު ހެނދުނު މީރުމާ ހޮޓެލްގައި ބޭއްވި ”ރައުންޑް ޓޭބަލް ކޮންސަލްޓޭޝަން އޮން ނިއުޓްރިޝަން އެންޑް ހެލްތީ ލައިފްސްޓައިލް“ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި މެޑަމް ފަޒްނާ ވަނީ މީގެ ކުރިން އެކަމަނާއަށް ތައުލީމީ ދާއިރާއިން ލިބިވަޑައިގެންފައިވާ ބައެއް ތަޖުރިބާތައް ހިއްސާކުރައްވާފަ އެވެ. އެގޮތުން އެކަމަނާ ވަނީ ސްކޫލުތަކުގައި ދުޅަހެޔޮ ދިރިއުޅުމެއް ކުރިއެރުވުމަށް ބާރުއެޅުމުގެ ގޮތުން ތާޖުއްދީން ސްކޫލުން ކުރި ތިން ކަމެއް ހިއްސާކުރައްވާފައެވެ.

މީގެތެރޭގައި މުޅި ސްކޫލަށް އަމާޒުކޮށްގެން ހަފްތާއަކު އެއްފަހަރު ކަސްރަތު ކުރުމުގެ ޕްރޮގްރާމެއް ހިންގުމާއި، ހިޔާރުކުރެވޭ ދަރިވަރުންގެ ގްރޫޕަކަށް ބުއްތަށި ދީގެން ކަސްރަތު ކުރުވުމަށް ހަތަރު އަހަރު ދުވަހުގެ ޕްރޮގްރާމެއް ހިންގުމާއި އަދި އިންޓަވަލް ބްރޭކްތަކަށް ދަރިވަރުން ގެންނަ ކާބޯތަކެތީގެ ސާވޭއެއް ހެދުމަށްފަހު ގެންނަ ތަކެތީގެ ތެރެއިން ސިއްހަތަށް ފައިދާނުކުރާ ކާބޯތަކެތީގެ ބަދަލުގައި މޭވާއާއި އެހެނިހެން ސިއްހަތަށް ފައިދާހުރި ތަކެތި ބޭނުންކުރުމަށް ބާރު އެޅުމަށް ކުރެވުނު މަސައްކަތް ހިމެނެއެވެ.