ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުން ހޯދާ ފްލެޓްތައް ނަހަމަ ގޮތުގައި ހޯދައި، ކުއްޔަށް ދެނީ ފްލެޓުތަކުގެ ޙަޤީޤީ ޙައްޤުވެރިންނަށް ކަމަށް ޕީއެންސީގެ ސެނެޓަރ މުޙައްމަދު ޖަލާލް ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ފްލެޓު ލިބުނު 4،000 މީހުންގެ ދާއިމީ ލިސްޓު އާއްމު ކުރުމުން، ބޭ އިންސާފުން ޕޮއިންޓު ދީފައި ހުރިކަން ފާހަގަކޮށް އެތައް ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ސަރުކާރުގެ ނުފޫޒު ގަދަ ފަރާތްތަކަށާއި، އެ ފަރާތްތަކުގެ އާޢިލާގެ މެމްބަރުންނަށް ފްލެޓްތައް ބަހައިލިކަން ވެސް ރައްޔިތުން ދަނީ ފާހަގަކުރަމުންނެވެ.

މިކަމާއިމެދު ކަންބޮޑުވުންފާޅުކުރައްވައި ޖަލާލް މީސްމީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެންމެ މުއްސަނދި މީހާ ވެސް ފްލެޓު ހޯދަން ލަނީ ”ސޯޝަލް ހައުސިން“އަށް ކަމަށެވެ.

”ނަހަމަ ގޮތުގައި ފްލެޓު ހޯދައި، އެތަން ކުއްޔަށް ދެނީ، އެ ތަނުގެ އަސްލު ޙައްގުވެރިންނަށް.“ ޖަލާލް ވިދާޅުވިއެވެ.

މިކަން މިހެން އޮތުމުން، ސޯޝަލް ހައުސިން އާއި ލަގްޒަރީ ހައުސިން ވެސް ލިބިގެންދަނީ މަހުޖަނުންނަށް ކަމަށް ޖަލާލް އިތުރަށް ވިދާޅުވިއެވެ.

ރައްޔިތުންގެ ޝަކުވާތަކަށް ބެލުމެއް ނެތި، ފްލެޓްތައް ދޫނުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ވަނީ އަންގައިފައެވެ. ނާއިންސާފުން ފްލެޓު ދިން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާއިރު، މަޝްރޫޢު ކުރިއަށް ގެންދާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސަލަފިއްޔާ އަންވަރު ވެސް ފްލެޓު ލިބިވަޑައިގެންނެވި ނުފޫޒުގަދަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް އޭނާ ވިދާޅުވީ ފްލެޓް ލިބިވަޑައިގެންނެވީ އެ ކަމަށް ޝަރުތު ހަމަވާތީ ކަމަށެވެ.

ގެދޮރުވެރިކަމުގެ މައްސަލައަކީ މާލެ ސަރަހައްދުގައި ވަރަށް ބޮޑު މައްސަލައެކެވެ. މިކަން ވެރިކަމުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ޙައްލު ކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ.