މި އަހަރު ބޭއްވި ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ހުރިހައި ކެންޑިޑޭޓުންގެ ތެރެއިން މިހައިތަނަށް މާލީ ބަޔާން ހުށަހެޅުއްވީ ހަސަން ޒަމީލް އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން ބުނެފިއެވެ.

އީސީ ގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އިންތިޚާބު ނިމުމަށްފަހު މާލީ ބަޔާން ހުށައަޅަންޖެހޭ ކަމަށެވެ. އަމިއްލަ ގޮތުން ވާދަ ކުރެއްވި ކެންޑިޑޭޓް ޒަމީލް ފިޔަވައި އެއްވެސް ކެންޑިޑޭޓަކު މާލީ ބަޔާން އަދި މިހައިތަނަށް ހުށަހަޅުއްވައިފައި ނުވާ ކަމަށެވެ.

އެ ބަޔާން ހުށަހެޅުމަށް މި ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އޮންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި ބަޔާން ހުށަހެޅުމަށް މީގެކުރިން 21 ދުވަސް ލިބުނުކަމުގައިވިޔަސް އެގަވާއިދަށް ގެނައި ބަދަލުގެ ސަބަބުން އިންތިހާބު ނިމުމަށްފަހު އެއް މަސް ދުވަސް ލިބޭ ގޮތަށް އިންތިޚާބުތަކާއި ބެހޭ އާންމު ޤާނޫނަށް ވަނީ ބަދަލު ގެނެސްފައެވެ.

މާލީ ބަޔާން ކަނޑައަޅާފައިވާ މުއްދަތު ތެރޭގައި އީސީ އަށް ހުށަނާޅައިފިނަމަ މިހާރު އޮންނަގޮތުން، އެ ކެންޑިޑޭޓަކު ޖޫރިމަނާ ކުރެވޭނެއެވެ.