އިންތިޤާލީ ކޮމެޓީތަކުން އެއްކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު އިންޑިއާ ސިފައިންގެ އަދަދު ސާފު ނުވާ ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވެއްޖެއެވެ.
މިހެން މިއަދު ވިދާޅުވީ އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލްއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑީއާ ސިފައިން ރާއްޖޭގެ ތިބި އަދަދު ސާފުވެފައިވާވޭތޯ ނޫސްވެރިއަކު ވަނީ ސުވާލުކޮށްފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން އެ އޮފީހުގެ ތަރުޖަމާނު ފިރުޒުލް ވިދާޅުވީ، ސަރުކާރުގެ އެކި އިދާރާތަކުން އެއްކުރި މައުލޫމާތަށް ބަލާއިރު މިހާތަނަށް އިންޑިއާ ސިފައިން ދިވެހި ފަސްގަނޑުގައި ތިބިކަން ސާފުވާ ކަމަށެވެ.
އެގޮތުން އިންތިހާބީ ރައީސް އިންތިޚާބަށް ފަހު އިންޑިއާ ސަފީރާއި ބައްދަލު ކުރެއްވި ކަމާށާއި، އޭގެ އިތުރަށް އިންތިޤާލީ ކޮމެޓީތަކުން އިދާރާތަކަށް ގޮސް މައުލޫމާތު އެއްކުރުމުން ދިވެހި ސަރުކާރުންވެސް އެކަން ކަށަވަރު ކޮށްދޭ ކަމަށާއި، ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އިންޑިއާ ސިފައިންގެ އަދަދު ކަށަވަރު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
”މީގައި ދެކަމަށް ފާހަގަ ކުރެވޭ. ޖުމްލަ ގޮތެއްގައި ކުރިންވެސް ސަރުކާރުން ފާހަގަ ކުރަމުން އައި އަދަދުތަކެއް ހުރި. އެވެނި އަދަދެކޭ، މިވެނި އަދަދެކޭ. އަދި އެކި ދިމާ ދިމާލުން ފާހަގަވެފައި ހުރި އަދަދުތަކެއް ވެސް ހުރި. މިކަން އަޅުގަނޑުމެން ކްރޮސް ޗެކްކޮށް ވެރިފައި ކުރަން ޖެހޭ. ޔަޤީންވާ ކަމަކީ، އިންޑިއާ ސިފައިންގެ ބޭކަލުން ދިވެހި ފަސްގަނޑުގައި ތިއްބެވި ކަމަށް މަސައްކަތް ކުރުމަށް ސްޓޭޝަން ވެގެން “ ފިރުޒުލް ވިދާޅުވިއެވެ.
މިކަމާއި ގުޅޭގޮތުން ފިރުޒުލް ވިދާޅުވީ، އަދަދާއި ގުޅޭގޮތުން އެކަށީގެންވާ މައުލޫމާތެއް މިހާތަނަށް ނުލިބޭ ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަކީ އިންތިޚާބީ ރައީީސް ޑރ.މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވަޢުދުފުޅެވެ.
