ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ”ޤައުމީ ތަރިކަ“ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކަނޑައަޅުއްވައިފިއެވެ.

ރައީސް ޞާލިޙު މި ނިންމެވުން ނިންމެވީ ދިވެހިރާއްޖޭގެ ފގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރެއްވުމާ ގުޅޭގޮތުން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވީ މީގެކުރިން އާސާރީ ތަންތަނާއި ތަކެތި ރައްކާތެރިކޮށް ދަމަހައްޓަން ޤައުމީ ފެންވަރެއްގައި އަދި ބައިނަލްއަގްވާމީ ފެންވަރެއްގައި ކުރަމުން އައި މަސައްކަތްތަކަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ނެތުން ކަމަށެވެ.

މި ސަރުކާރުން ސެޕްޓެމްބަރު 12، 2019ގައި ސަގާފީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ”ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު“ ތަސްދީޤު ކުރެއްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ސަޤާފީ ތަރިކައަށް ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބިގެންގޮސްފައިވާކަން ޔުމްނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ޤައުމީ ފެންވަރެއްގައި ތަރިކައިގެ ދުވަހެއް ފާހަގަކުރާނަމަ، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު ވުޖޫދަށް އައި ތާރީޚު، އެ ދުވަހުގެ ގޮތުގައި ކަނޑައެޅުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމުގައި ދެކޭ ކަމަށް ހެރިޓޭޖް މިނިސްޓްރީއިން ހުށަހެޅި ކަރުދާހުގައި ވަނީ ބަޔާންކޮށްފައެވެ.

ޤައުމީ ފެންވަރެއްގައި ތަރިކައިގެ ދުވަހެއް ކަނޑައެޅުމަކީ ދިވެހި ކާބަފައިންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ ތަރިކަތައް އަމާނާތްތެރިކަމާ އެކު އަދުގެ ޖީލަށާއި ކުރިއަށް އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމުގެ އިތުރުން އެ ކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ ވަރަށް މުހިންމު މަސައްކަތެއްކަމަށް ވެސް ހެރިޓޭޖް މިނިސްޓްރީއިން ވަނީ ބުނެފައެވެ.