މި ސަރުކާރުގެ ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ފްލެޓް ލިބުނު މީހުން ކަނޑައެޅުމުގައި ޢަމަލު ކުރި ގޮތާއިމެދު ހިތްހަމަނުޖެހުނީ ވަކި ބައެއް ކަމަށާއި، މިއީ ”އިންޑިއާ އައުޓް“ ކަހަލަ ކަމެއް ކަމަށް ސަރުކާރުން ބުނެފިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބުނު 4،000 މީހުން ކަނޑައަޅައިފައިވާއިރު، ދާއިމީ ލިސްޓު އެކުލަވައިލީ ނާއިންސާފުން ޕޮއިންޓް ދީގެން ކަމަށް ބުނެ، އާއްމުންގެ ބަޔަކު ޕްލޭނިން މިނިސްޓްރީއަށް ދިޔުމުން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން މިކަން ބަލަން ފަށައި، ޕްރޮސެސް ވެސް ހުއްޓުވިއެވެ.

އޭސީސީން މިކަން ހުއްޓުވީ ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައި ވަނީ ޕޮއިންޓު ދިނުމުގެ އުސޫލާ ހިލާފަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުލިބޭހެން ވަކި ބަޔަކަށް ނާޒާއިޒު މަންފާ ހޯދައި ދިނުމުގެ ގޮތުން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކެއް ބަލަމުންދާތީއެވެ.

ޕްލޭނިން މިނިސްޓްރީގައި އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ފްލެޓް މައްސަލައިގައި މިނިސްޓްރީން އިހުމާލެއް ނެތް ކަމަށެވެ.

މި މައްސަލައިގައި ރައްޔިތުން ވެސް ކެކި އަރައިގެން ނޫޅޭ ކަމަށާއި، މައްސަލައިގައި މިނިސްޓްރީ ކައިރިއަށް އެއްވެ އަޑުގަދަކުރީ ވެސް މަދު ބައެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

ސޯޝަލް މީޑިއާގައި ވެސް މިކަމާ ދެކޮޅަށް ވާހަކަ ދައްކަނީ އެއް ބައެއް ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

”މިއީ ހަމަ އިންޑިއާ އައުޓް ކަހަލަ ކަމެއް މިއީ. ވަކި ބަޔަކު އެކަން މިކުރަނީ ސަރުކާރުގެ އަގުވައްޓާލައި، މިކަން ކުރަމުންދާ ގޮތް އެއީ ރަނގަޅު ނޫން ގޮތަކަށް ދައްކަން ވެގެން ކުރާ މަސައްކަތްތަކެއް،“ އަކްރަމް ވިދާޅުވިއެވެ.

ޝަރުތުހަމަ ނުވާ ބަޔަކަށް ފްލެޓު ދީފައިވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.