ރައްޔިތުންގެ މަޖިލީހުގެ ރައީީސް ކަމަށް އޭނާގެ ޝައުގުވެރިކަން ހުންނަވާ ކަމުގެ އިޝާރާތެއް، ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ކުރައްވައިފިއެވެ.
ވެރިކަން ބަދަލު ކުރުމުގެ މަރުޙަލާގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ޢަބްދުއްރަޙީމް އަކީ ރައްޔިތުންގެ މަޖިލީހުގައި، ދެ ދައުރުގައި ލ.ފޮނަދޫ ދާއިރާ ތަމްސީލު ކުރައްވައިފައިވާ ބޭފުޅެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން އަލުން އޭނާ ހޮވައިފި ނަމަ މަޖިލިހުގެ ރައީސްކަމުގެ ގޮނޑި އަށް ވަޑައިގެންފާނަންތޯ އޮންލައިން ނޫސް ”މިހާރު“ އިން ސުވާލު ކުރުމުން އޭނާ އެކަމާ ދެކޮޅު ނުހައްދަވާ ކަމަށް އެ ނޫހުން ވަނީ ރިޕޯޓް ކޮށްފައެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ، ކުރިއަށް އޮތް ދައުރުގައި މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތެއް ޕީޕީއެމް/ޕީއެންސީ އަށް ލިބިއްޖެ ނަމަ އެ މަޖިލިހުގެ ރައީސްކަމަށް ކުރިމަތި ނުލާންވީ ސަބަބެއް ނެތް ކަމަށެވެ.
މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނަވައިގެން، ޑރ.މުޢިއްޒުގެ ސަރުކާރަށް އެއްބާރުލުން ދެއްވަން ބޭނުންފުޅުވާކަމުގެ ޝައުގުވެރިކަން ހާމަކުރެއްވުމާއިއެކު، އަދި ވަކި ގޮތެއް ނުނިންމަވާ ކަމުގައި ވެސް އޭނާ ވިދާޅުވެފައިވެއެވެ.
