އިންތިޚާބީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ހުވާ ކުރައްވާ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ބަލަހައްޓާނަމަ، އިހުތިޖާޖު ކުރާނެ ކަމުގެ އިންޒާރު، އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު، ޢަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުން އިއްޔެ ކުރި ޙުކުމުގައި ވެސް ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވުނު ނަމަވެސް، އިންތިޚާބީ ރައީސް ޑރ.މުޢިއްޒު، މަޤާމުގެ ހުވާ ކުރެއްވުމަށް ހުރަހެއް ނެތް ކަމަށެވެ.

ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާއެކު އިންތިޚާބީ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ރިޔާސަތު ބަލަހައްޓަނީ މަޖިލީހުގެ މެމްބަރުންގެ އިތުބާރު ނެތް ރިޔާސަތެއް ކަމުގައިވާނަމަ އެކަމަށް އެމްޑީޕީން އިހުތިޖާޖު ކުރާނެ ކަމަށެވެ. އަދި އިހުތިޖާޖު ކުރާނެ ގޮތުގެ ތަފްސީލް ނިންމާނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ކަމަށް ނިޔާޒު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް ވެއްދީ މިދިޔަ މަހުގެ ކުރީކޮޅުއެވެ. މި މައްސަލަ މަޖިލީހަށް ވެއްދީ 49 މެމްބަރުންގެ ސޮޔާއެކުއެވެ.

އިތުބާރު ނެތް މައްސަލައިގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ނަޝީދު ޤަވައިދާ ޚިލާފަށް މަޖިިލިސް ހިންގަވަމުން ގެންދަވާ ކަމުގެ ކަންބޮޑުވުމެވެ.