މިއަދު ފާހަގަކުރަމުން އަންނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދިވެހި ޤައުމު އިސްކުރުމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ގޮވައިލައްވައިފިއެވެ.
އެމަނިކުފާނު މިއަދު ރައްޔިތުންނަށް ދެއްވި ވީޑިއޯ މެސެޖުގައި ވަނީ، ޖުމްހޫރީ ވެރިކަމެއްގެ ފޮނި މީރުކަން ލިބިގެންދާނީ، ސަރުކާރާއި ރައްޔިތުން ގުޅިގެން، ޤައުމު އިސްކޮށް މަސައްކަތްތަކެއް ކުރެވިގެން ކަމަށް ވިދާޅުވެފައެވެ.
”އަޅުގަނޑުމެންގެ ޤައުމަށް ހަމަޖެހުން އަންނަން އެބަޖެހޭ، އެންމެން އެކަތިގަނޑަކަށްވާން ޖެހޭ، އެހެންވީމަ، މި ގޮތުގައި ކުރިއަށް ދިޔުމަށް ހުރިހައި ބޭފުޅުންނަށް، މި ތަހުނިޔާ އަރިސް ކުރަމުން އަޅުގަނޑު އިލްތިމާސް ކުރަން.“ އިންތިޚާބީ ރައީސް ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް ޑރ.މުޢިއްޒު އަކީ ދިވެހި ޖުމްހޫރިއްޔާގެ އަށްވަނަ ރައީސްއެވެ.
ދިވެހިރާއްޖެއަށް ޖުމްހޫރީ ވެރިކަން ތަޢާރަފުކޮށްދެއްވައި ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސަކަށް (އޭރުގެ ޤާނޫނު އަސާސީގައި ވާގޮތުން ވަލިޔުލްއަމްރު އަދި ބޮޑުވަޒީރަކަށް) ވެވަޑައިގެންނެވި ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ވިދާޅުވެފައިވާ ގޮތުގައި ޖުމްހޫރިއްޔަތަކީ އެ ޤައުމެއްގެ ދަރީން އެ ޤައުމެއްގެ ދަރީންނަށް ޓަކައި ހިންގަމުންގެންދާ ޙުކޫމަތެވެ.
