ރާއްޖެ އިން ބޭރުގައި ހުރި އެމްބަސީތަކުގައި ތިބި ސިޔާސީ މުވައްޒަފުން މި މަހުގެ 18 ގެ ކުރިން އަނބުރާ ރާއްޖެ އައުމަށް ފޮރިން މިނިސްޓްރީން އަންގައިފިއެވެ.
ފޮރިން ސެކްރެޓަރީ އަޙުމަދު ލަތީފު ސޮއިކުރައްވައި އެމްބަސީތަކުގައި ތިބި ސިޔާސީ މުވައްޒަފުންނަށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވާ ގޮތުން ބޭރުގައި ހުރި ރާއްޖޭގެ ޑިމްލޮޕެޓިކް އަދި ކޮންސިއުލާ މިޝަންތަކުގައި ވަޒީފާ އަދާކުރައްވާ ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން މި މަހުގެ 18ގެ ކުރިން އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް އިންތިޚާބީ ރައީސްގެ އޮފީހުން އެދިވަޑައިގެންފައިވާ ކަމަށެވެ.
އެގޮތަށް އެނބުރި ރާއްޖެ ވަޑައިގަތުމަށް އަންގަން ޖެހޭ މީހުންގެ ލިސްޓެއް އެ އޮފީހުން ފޮރިން މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް އެ ސިޓީގައިވެއެވެ.
އިންތިޚާބީ ރައީސްގެ އޮފީހުގެ އެދިލެއްވުމާއި އެއްގޮތަށް، 61 ބޭފުޅަކު އަނބުރާ އަންނަން އަންގަވައި، ނޯޓިސް ފޮނުއްވައިފައިވެއެވެ.
އަދި މާލެ ވަޑައިގަތުމުގެ އިމްތިޒާމްތައް ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކަށް ފޮނުވާ މުވައްޒަފުންނަށް ދެވޭ އެލަވަންސްތަކާއި އިނާޔަތްތައް ދިނުމުގެ އުސޫލު’އާ އެއްގޮތްވާ ގޮތަށް މިޝަންއިން އިންތިޒާމް ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
