މި ސަރުކާރުން ހިންގަން އުޅޭ ތިލަމާލެ ބްރިޖު މަޝްރޫޢުއާއި، އަމީނީ މަގަށް ބެލުމުން ޕްލޭނިން މިނިސްޓްރީއަށް ކަމެއް ނުވާކަން އެނގޭ ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.

އަމީނީ މަގު މަޝްރޫޢުއާއި، ތިލަމާލެ ބްރިޖު މަޝްރޫޢު، މި ސަރުކާރުގެ ފަސް އަހަރު ނިމުނުއިރު ވެސް ނިންމިފައެއް ނުވެއެވެ.

އިންތިޚާބީ ރައީސް މުޢިއްޒު ޕްލޭނިން މިނިސްޓްރީއަށް ފާޑު ވިދާޅުވީ، ރިޒަލް އޮރިއެންޓެޑް ނުވަތަ ނަތީޖާ ނެރެދޭ ސަރުކާރެއް ޤާއިމު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވާ ކުރެއްވުމަށްފަހުގައި، އުފައްދަވާނީ ނަތީޖާ ނެރެދޭނެ ސަރުކާރެކެވެ.

ސަރުކާރުގެ ޚަރަދުތައް ކުޑަ ކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން، އަލަށް އުފައްދަވަނީ ދެ ތިން މިނިސްޓްރީއެއްކަން ވެސް އިންތިޚާބީ ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު އިޢުލާނު ކޮށްފައިވާ 700 ސިޔާސީ މަޤާމަށްވުރެ، މަޤާމުތަކުގެ އަދަދު މަތި ނުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

”އަޅުގަނޑު ދޭ ޔަޤީންކަމަކީ މުޅި ސަރުކާރުގެ ސިޔާސީ މަޤާމުތައް، ވޭތުވެދިޔަ، ދެ ސަރުކާރަށްވުރެ މަދުވާނެ. އެއީ އަޅުގަނޑުދޭ ޔަޤީންކަމަކީ.“ އެމަނިކުފާނު ވިދާޅުވިއެވެ.

މުޢިއްޒު އިތުރަށް ވިދާޅުވީ މިހާރު ސަރުކާރު ހިންގަން ބޭނުން ކުރާ އިމާރާތްތަކަށްވުރެ އިތުރަށް، އެހެން އިމާރާތްތައް އަމިއްލަ ތަނަކުން ކުއްޔަށް ވެސް ނުނަންގަވާނެ ކަމަށެވެ.