އައު ސަރުކާރު ވެގެންދާނީ ނަމޫނާ ސަރުކާރަކަށް ކަމަށް އިންތިޚާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.
ިމި ޚަބަރު އެކްސްގައި ހިއްސާ ކުރައްވައި އިންތިޚާބީ ނައިބު ރައީސް ޙުސައިން ވިދާޅުވީ ފެށިގެންމިދާ އައު ސަރުކާރުގެ އަމާޒަކީ ރައްޔިތުނަށް ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ހަމަޖެހުން ގެނެސްދިނުން ކަމަށެވެ.
”ٱللَّٰه ގެ އިރާދަފުޅާއި ބަރަކާތާއި އެކު، ޑރ. މުޢިއްޒުގެ ވެރިކަން ވެގެންދާނީ ދިވެހީން އެދޭފަދަ ނަފާވެރި، އަރުތަވެރި އަދި އިންސާފުވެރި ވެރިކަމަކަށް. ނަމޫނާ ސަރުކާރަކަށް.“ އެމަނިކުފާނު ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް ޑރ.މުޢިއްޒު އާއި، އިންތިޚާބީ ނައިބު ރައީސް ޙުސައިން މަޤާމުގެ ހުވާ ކުރައްވާނީ މި މަހުގެ 17 ވާ ހުކުރު ދުވަހު، ޖުމްހޫރީ މައިދާނުގައެވެ.
އިންތިޚާބީ ރައީސް މުޢިއްޒު ވަނީ ޤައުމަށް ހަމަޖެހުން ގެނެސްދެއްވައި، ރައްޔިތުންނަށް ވަޢުދުވީ ކަންތައް ކޮށްދޭނެ ސަރުކާރެއް އެކުލަވައިލައްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަނީ، އެމަނިކުފާނުގެ ސަރުކާރުން ނަތީޖާ ނެރެދެއްވާނެ ކަމަށާއި، މަޤާމުތަކުގައި ތިއްބަވާނީ ޤާބިލު ބޭފުޅުން ކަމަށެވެ.
