މާލޭގައި ހުންނަ ކޮކާ ކޯލާ، ކޭއެފްސީ، އަދި ޕިއްޒާ ހަޓަށް ރޭ ބަޔަކު ކަޅުތެޔޮ ޖަހައިފިއެވެ.

އެ ތަންތަނަށް ވަދެ ކަޅުތެޔޮ ޖަހާފައިވަނީ މޫނު ނިވާކޮށްގެން ތިބި ބައެކެވެ. ކަޅު ތެޔޮ ޖެހުމުގެ އިތުރުން އެ ތަންތަނުން ދޭ ޚިދުމަތް ހުއްޓާލަން ވެސް ވަނީ ގޮވައިލައިފައެވެ.

މިކަން ކޮށްފައިވަނީ، އެތަންތަނުން އަނިޔާވެރި ޔަހޫދީންނަށް މަދަދުވެރިވާކަން ފާހަގަކޮށެވެ.

ކަޅު ތެޔޮ ޖެހުމާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް މައްސަލަ ބަލަން ފަށައިފައިވާކަން ރޭ ހާމަކުރިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ ވިދާޅުވީ، ކަޅުތެޔޮ ޖެހި ސަރަަހައްދުގައި ތަހުގީގަށް ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ އުދުވާނީ ހަމަލާތަކާ ގުޅިގެން ބައިނަލްއަޤްވާމީ ބައެއް ކުންފުނިތައް ބޮއިކޮޓްކުރުމުގެ ހަރަކާތެއް ދުނިޔޭގައި ވަނީ ފަށައިފައެވެ. އަދި ރާއްޖޭގައި ވެސް ދަނީ ޔަހޫދީ ފަތުރުވެރިން ރާއްޖެ އައުން މަނާ ކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ.