އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އަކީ ތާވަލަށް މަސައްކަތް ކުރައްވަވާ ބޭފުޅެއްގެ ގޮތުގައި އަބަދުވެސް ފާހަގަ ކުރެއްވުނު ކަމަށް ކުރީގެ އެންވަޔަރްމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޠާރިޤު ވަނީ ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު އެންވަޔަރްމަންޓް މިނިސްޓަރުގެ މަޤާމު ފުރުއްވައިފައެވެ. އެހެންކަމުން ޠާރިޤް ވަނީ، ރައީސް ޔާމީންގެ ކެބިނެޓުގައި، އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި މުޢިއްޒުއާއިއެކު ފަސް އަހަރު މަސައްކަތް ކުރައްވައިފައެވެ. މުޢިއްޒުގެ ކެބިނެޓުގައި ވެސް އެންވަޔަރްމަންޓް މިނިސްޓަރު ކަމުގައި ހުންނަވާނީ ޠާރިޤް ކަމަށް މަޢުލޫމާތު ލިބެއެވެ.

ޖުމްހޫރީ ދުވަހާއި ގުޅިގެން ދައުލަތުގެ މީޑިއާ އިން ގެނެސްދިން ”ދިވެހީންގެރާއްޖެ“ ޕްރޮގްރާމްގައި ޠާރިޤް ވިދާޅުވީ މުޢިއްޒު އަކީ ޙަވާލުވެވޭ މަސައްކަތްތައް ވަގުތަށް ނިންމަން އިސްކަން ދެއްވާ ބޭފުޅެއް ކަމަށެވެ.

”އަބަދުވެސް، ދުވަހުން ދުވަހަށް ބައްލަވާ، ސްޓާފުންނަށް ދެއްވަންޖެހޭ އިންސްޓްރަކްޝަން ދެއްވައިގެން، ސަރުކާރުން އެ ވަގުތު އެމަނިކުފާނާއި ޙަވާލުކޮށްފައި ހުރި މަސައްކަތްތައް ޓައިމަށް ނިންމަވަން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް، އަދި ޓައިމަށް ނިންމެވި ބޭފުޅެއްކަން.“ އޭނާ ވިދާޅުވިއެވެ.

ޠާރިޤް ވިދާޅުވީ އިންތިޚާބީ ރައީސް، މި މަހުގެ 17 ވަނަ ދުވަހު މަޤާމުގެ ހުވާ ކުރައްވައި، އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅުތައް ފުއްދެވުމުގެ މަސައްކަތް ހަލުވި ދުވެލީގައި ފައްޓަވާނެ ކަމަށާއި، އެމަނިކުފާނުގެ ކެބިނެޓު ވެގެންދާނީ އެމަނިކުފާނު އެދިވަޑައިގަންނަވާ ހަލުވި ދުވެލީގައި މަސައްކަތް ކުރައްވާނެ ޤާބިލު ކެބިނެޓަކަށް ކަމަށެވެ.