އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ.މުޙައްމަދު މުޢިއްޒު، މިރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ގޮތަށް ހަމަޖައްސަވައިފިއެވެ.
ހުރިހައި މީޑިއާތަކަށް ދައުވަތު ދީގެން ބާއްވާ މި ބައްދަލުކުރެއްވުމުގައި ކޮންމެ މީޑިއާއެއްގައި މަސައްކަތް ކުރާ އެންމެހައި ނޫސްވެރިންނަށް ވެސް ބައިވެރިވެވޭނެއެވެ. މި ބައްދަލުވުން އޮންނާނީ މިރޭ، 8:30ގައި ސޯޝަލް ސެންޓަރުގައެވެ.
ޑރ.މުޢިއްޒު އަކީ ނޫޫސްވެރިންނާއި އަބަދުވެސް ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ މިނިވަން ނޫސްވެރިކަމަށް ޖާގަ ދެއްވައި، މީޑިއާތަކަށް ދައުލަތުން ފައިސާ ލިބޭނެ ގޮތެއް ހަމަޖައްސަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ވެރިކަން ކުރައްވާނީ ދެ ފުށް ފެންނަ، ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ވެސް ރިޔާސީ ކެމްޕެއިން ތެރޭގައި ވިދާޅުވަމުން ގެންދެވިއެވެ.
އަންނަ ހުކުރު ދުވަހަކީ ޑރ.މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވާ ކުރައްވާނެ ދުވަހެވެ. އެމަނިކުފާނަކީ ދިވެހި ޖުމްހޫރިއްޔާގެ 08 ވަނަ ރައީީސްއެވެ.
ު
