އޮންލައިން ނޫސް މަލަރެސްގެ ޒުވާން ފައުންޑަރު، އަދި 15 ހާހަށްވުރެ ގިނަ މީހުން ފޮލޯ ކުރަމުން އަންނަ މީސްމީޑިއާ ޕްލެޓްފޯމް، ”ޓީމް މުޢިއްޒު“ގެ އެއް މެމްބަރު އިބްރާހީމް އަބާން ޢަބްދުއްލަތީފު، ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) އާއި ގުޅިއްޖެއެވެ.

ރިޔާސީ ކެމްޕެއިނުގައި ވެސް ޑރ.މުޢިއްޒުގެ ކެމްޕެއިން މަސައްކަތްތަކުގައި ހީވާގިކަމާއިއެކު އުޅުނު އަބާން ޕީއެންސީއާއި ގުޅުނީ އިތުރު 100 މީހުންނާއިއެކުއެވެ. މިއަދު އޭނާ އާއި، އަލަށް ގުޅުނު މެމްބަރުންގެ ފޯމު ވަނީ ޕީއެންސީގެ ރައީސް އަދި އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އާއި ޙަވާލު ކޮށްފައެވެ.

އަބާން ބުނީ ޕީއެންސީއާއި ގުޅެން ނިންމީ، އެ ޕާޓީގައި ޒުވާނުންނަށް ފަހި ފުރުޞަތުތަކެއް އޮތް ކަމަށް ޤަބޫލު ކުރެވޭތީ ކަމަށެވެ.

އިންތިޚާބީ ރައީސް އެ ޕާޓީއަކަށް ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީ އަކީ ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގައި ވެރިކަން ކުރާނެ މައި ޕާޓީއެވެ. ޤާނޫނުގައި އޮންނަ ގޮތުން ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ލިބެނީ 10،000 މެމްބަރުން ހަމަވުމުންނެވެ. އެހެންކަމުން އެ އަދަދަށް މެމްބަރުން ހަމަ ކުރުމަކީ އެ ޕާޓީގެ މުހިންމު އަމާޒެކެވެ.