ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމު ދިފާޢު ކުރެއްވުމަށް އެތައް މަސައްކަތްތަކެއް ކުރެއްވުމަށްފަހުގައި އެ މަޤާމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވައިފިއެވެ.

މިކަން ހާމަކުރައްވައިފައި ވަނީ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް މިހާރު ކުރިއަށްދާ ޖަލްސާގެ ރިޔާސަތުގައި އިންނެވި، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު(މަވޯޓާ)އެވެ. ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސާ އީވާ ވެސް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ޖަލްސާ ފައްޓަވައި ދެއްވައި ވާހަކަ ދައްކަވަމުން، ރިޔާސަތުގައި އިންނެވި ޝަރީފު ވިދާޅުވީ ރައީސް ނަޝީދު އިސްތިއުފާގެ ސިޓީ ހުށަހަޅުއްވައިފައި ވުމުން، މި މައްސަލަ ދެން އިތުރަށް ކުރިއަށް ގެންދިޔުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ރައީސް ނަޝީދު ވަނީ ވެރިކަމުގައި ހުންނަވައި ވެސް އިސްތިއުފާ ދެއްވައިފައެވެ. އެއީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހުއެވެ.