ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް، ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ އުތުރު ދާއިރާ ތަމްސީލު ކުރައްވާ މުޙައްމަދު އަސްލަމް އިންތިޚާބު ކޮށްފިއެވެ.

މަޖިލީހުގެ ރައީސްކަމުގެ މަޤާމުން މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު، ރައީސް މުޙައްމަދު ނަޝީދު އިއްޔެ ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އެހެންވެ، ހުސްވި މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް ކަމަށް ވާދަކުރެއްވީ އަސްލަމްގެ އިތުރުން މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމެވެ.

އަސްލަމް މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުވީ 53 ވޯޓުންނެވެ. އާޒިމަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަޤާމުގައި ހުންނެވި އަސްލަމް އަންނަނީ 2005 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި މަޖިލީހުގައި ޚިދުމަތް ކުރައްވަމުންނެވެ. އޭނާ އަކީ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރަނިންމޭޓެވެ.