ދައުލަތުގެ މުދަލަށް ބޮޑެތި ހިޔާނާތް ވީ ކަމަށް އަމިއްލަ އަށް އިއުތިރާފްވެ އެކަމުގެ ކުށް ސާބިތުވެފައިވާ ފަރާތްތަކަށް ހައްގު އަދަބު ނުލިބި ދިޔުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތުން މިހެން ބުނެފައިމިވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތަށް މައާފު ދެއްވުމާ ގުޅިގެންނެވެ. ރައީސް މައާފް ދެއްވުމާ ގުޅިގެން އަދީބާއި ޒިޔަތު މިހާރު ވަނީ މިނިވަންވެފައެވެ.

”ދައުލަތުގެ މުދަލަށް ބޮޑެތި ޚިޔާނާތް ވީކަމަށް އަމިއްލައަށް އިއުތިރާފްވެ އެކަމުގެ ކުށް ސާބިތުވެފައިވާ ފަރާތްތަކަށް ޙައްޤު އަދަބު ނުލިބި ދިޔުމަކީ މި ޕާޓީއިން ބަލައިގަންނަ ކަމެއް ނޫން،“ އަދާލަތުން ބުންޏެވެ.

ރައީސް ސާލިޙް އަދީބާއި ޒިޔަތަށް މާފު ދެއްވާފައިވާއިރު، އެމަނިކުފާނުގެ ވެރިކަން ނިމެން އޮތީ ގާތްގަނޑަކަށް ދެ ދުވަހެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ޙުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ. މި މައްސަލައިގައި ޒިޔަތުގެ މައްޗަށް ވަނީ 30 އަހަރަށް ވުރެއް ދިގު މުއްދަތަކަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައެވެ.