ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިމެން ދެ ދުވަހަށް ވެފައިވަނިކޮށް ފުލުހުންގެ މުއައްސަސާގެ ބައެއް ބޭފުޅުންނަށް ޕްރޮމޯޝަން ދީފައިވަނީ އުޞޫލާއި އެއްގޮތަށް ކަމަށް އެ އިދާރާއިން ބުނެފިއެވެ.
ފުލުހުން މިފަދައިން ބުނެފައިވަނީ ޝަރުޠު ހަމަނުވާ ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދިން ކަމަށް ވާހަކަ ފެތުރި، ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުންނެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ މި ޕްރޮމޯޝަން ތަކަކީ މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން އިޢުލާނުކޮށް، ހަމަޖެހިފައިވާ ޕްރޮމޯޝަންތަކެއް ކަމަށެވެ. އަދި ޕްރޮމޯޝަން އޭރު ހަވާލުނުކުރީ އިންތިޚާބު ކައިރިވެފައި އޮތުމުންނާއި އެކަމުގެ ސަބަބުން ނޭދެވޭ ތަސައްވުރެއް އުފެދިދާނެ ކަމަށް ދެކޭތީ ކަމަށެވެ.
”މި ޕްރޮމޯޝަން ތަކަކީ މި ޚިދުމަތުގެ މަގާމުގެ ކުރިއެރުން ދިނުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެކަމަށް ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ދެމުން ގެންދާ ޕްރޯމޯޝަން ތަކެއް.“ ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.
ފުލުހުންނަށް ޕްރޮމޯޝަން ދީފައިވާއިރު، މީގެތެރޭގައި ފުލުހުންގެ އިސް އޮފިސަރުންތަކަކަށް ވެސް ޕްރޮމޯޝަން ދީފައިވެއެވެ.
ފުލުހުންނަށް ޕްރޮމޯޝަން ދީފައިމިވަނީ މިގޮތަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވަނިކޮށެވެ.
