އިންތިޚާބީ ރައީީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތައް ހިމެނޭ ”ހަފްތާ 14“ މަގުޗާޓު އިފްތިތާޙު ކޮށްފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި 161 ވަޢުދު ހިމެނޭ މި މަގު ޗާޓު އިފްތިތާޙު ކޮށްދެއްވީ އިންތިޚާބީ ރައީސް ޑރ.މުޢިއްޒުއެވެ.
މި ޗާޓުގައި ވަޢުދުތަކުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ވަޢުދުތައް ބަހާލައިފައި ވަނީ އަށް ދާއިރާ އަކަށެވެ.
އެގޮތުން އެންމެ މުހިންމުކަމެއް ދީފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށްކަން މަގު ޗާޓުން ހާމަވެއެވެ. އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ހިމަނައިފައި ވަނީ އެ ސިފައިން ބޭލުމަށް މަސައްކަތް ކުރުމެވެ.
އަދި ޗާގޯސް މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިގެން ދިޔަ ނިންމުން އިޓްލޮސްގައި އިސްތިއުނާފު ކުރުމަށާއި، ބޭރު ފަރާތްތަކާއިއެކު ވެފައިވާ އެއްބަސްވުންތަކުގައި ހިމެނޭ، ރާއްޖޭގެ ސިޔާދަތަށް އުނިކަން އަންނަ ނުކުތާތައް އެއްބަސްވުންތަކުން އުނި ކުރުމަށް ވެސް މި މަގު ޗާޓުގެ އަލީގައި މަސައްކަތް ކުރާނެއެވެ.
މިރޭ އިންތިޚާބީ ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ކެމްޕޭންގެ އެންމެ ފުރަތަމަ ދުވަހު ދެއްކި ވާހަކައިން ފެށިގެން މިއަދާއި ހަމައަށް ދެއްކި ހުރިހައި ވާހަކައެއް ވެސް ދިމާވާނެ ކަމަށެވެ.
އެފަދަ ކޮންމެ ވާހަކަ އެއްވެސް ދައްކާފައިވަނީ އެކަމެއް ކުރަން، ހިތުގެ އަޑިން ޤަބޫލުކޮށް، އެކަން ކުރުމުގެ ނިޔަތުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޑރ. މުހަައްމަދު މުއިއްޒުގެ 100 ދުވަހުގެ ޕްލޭނަކީ ދިވެހި ކޮންމެ ރައްޔިތެއްގެ އުއްމީދުތައް ގުޅިލާމެހިފައިވާ ޒަމާނީ ރާއްޖެއަކަށް ރާއްޖެ ހެދުން ކަމަށާއި، ދިވެހިންގެ ހުރިހައި އަސާސްތަކާއި ދޭތެރޭ ފަޚުރުވެރިވާ ބަޔަކަށް ހަދައި، ދިވެހި ޒުވާނުންގެ މުސްތަޤުބަލް ޔަޤީން ކޮށްދިނުން ކަމަށް މިރޭގެ ޖަލްސާގައި ބުނެފައިވެއެވެ.
