އިންތިޚާބީ ރައީީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ”އިސްލާމްދީނާއި ޤައުމިއްޔަތަށް“ ޚާއްޞަކޮށްފައިވާ މަސައްކަތްތައް މިރޭ އިފްތިތާޙު ކުރި ”ހަފްތާ14“ މަގު ޗާޓުގައިވެއެވެ.
އެ މަގުޗާޓުގައި ވަނީ، ރާއްޖޭގެ ހުރިހައި މިސްކިތްތަކެއްގެ ޙާލަތު ރަނގަޅު ކުރަން އަމާޒު ހިފައިފައެވެ.
ރައީސް މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ އަމާޒާއިއެކު އެކުލަވައިލި މަގުޗާޓުގައި ޖުމްލަ 161 ވަޢުދެއް ހިމަނައިފައިވާއިރު، ރާއްޖޭގެ ހުރިހައި ރަށްތަކެއްގައިވާ މިސްކިތްތަކުގެ މަރާމާތަށް ކުރާ ހޭދަ، ތިން ގުނަ އިތުރު ކުރަން ވަނީ ހިމަނައިފައެވެ.
މިކަން ހާމަކުރައްވައި، މިރޭގެ ޖަލްސާގައި އިންތިޤާލީ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވީ މިސްކިތްތަކުގެ ޙާލަތު ހުރީ އެންމެ ރަނގަޅު ގޮތަށް ނޫން ކަމަށާއި، މިކަން ރަނގަޅު ކުރުމަށްޓަކައި، ވެރިކަމުގެ އެންމެ ފުރަތަމަ 14 ދުވަހުގެ ތެރޭގައި، ދައުލަތުގެ ބަޖެޓުން މިސްކިތްތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވޭ ހޭދަ ތިން ގުނަ އިތުރު ކުރެވިގެންދާނެ ކަމަށެވެ.
”އަދި ހަމަ އެހެންމެ، މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށްޓަކައި، ހަރުދަނާ ނިޒާމެއްގެ ތެރެއިން މިސްކިތްތަކުގެ ޙާލަތު، ދާއިމީ ގޮތެއްގައި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއް ޤާއިމު ކުރެވިގެންދާނެ.“ ފިރުޒުލް ވިދާޅުވިއެވެ.
ޅަ ކުދިންގެ މެދުގައި ދީނާއި ދިވެހި ޤައުމިއްޔަތާއިމެދު އޮތް ހޭލުންތެރިކަން ކުޑަކަން ފާހަގަކޮށް، ފިރުޒުލް ވަނީ މިކަން ޙައްލު ކުރުމަށްޓަކައި ސްކޫލް މަދަރުސާތަކުގައި ދިވެހި ދީނާއި ޤައުމިއްޔަތާއި ސަޤާފަތް ކުރިއެރުވުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް ފަށައި، ތަރިކަ ހިމާޔަތް ކުރުމުގެ މަޝްރޫޢުތައް، ރައީސް މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭގައި ފެށިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
މިކަން ހާސިލުކުރުމަށްޓަކައި، ދިވެހި ޤައުމީ ތަރިކަ ހިމާޔަތް ކުރާ ޚާއްޞަ މަރުކަޒާއި، ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖާއި، ދިވެހި ޤައުމީ ޗާޕުޚާނާ ޤާއިމު ކުރުމުގެ މަސައްކަތްތައް ވެސް ފެށިގެންދާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ަ
