މި ސަރުކާރުގެ ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓު ދޫކުރުމުގައި ގިނަ މައްސަލަތަކެއް ފާހަގަވުމާއިއެކުގައި، ފްލެޓު ދޫކުރުމުގެ ހުރިހައި މަސައްކަތެއް ހުއްޓައިލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްލޭނިން މިނިސްޓްރީ އަށް މިރޭ އަންގައިފިއެވެ.

މި 4000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އެ މިނިސްޓްރީން މިރޭ އާއްމު ކުރިއެވެ.

އޭސީސީއިން މިކަން އެންގީ، ޝަރުތު ހަމަނުވާ ފަރާތްތަކެއް ޝަރުތުހަމަވާ ކަމަށް ކަނޑައަޅާ ޕޮއިންޓް ދީފައި ވުމާއި، ފޯމްތައް އިވެލުއޭޓް ކުރުމުގައި ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ބައެއް ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ކަންކަން ފަދަ މައްސަލަތައް ފާހަގަ ވުމުން ކަމަށް މަޢުލޫމާތު ލިބެއެވެ.

އަދި ބައެއް ފަރާތްތަކުގެ މަޢުލޫމާތުގެ ސައްހަކަން ކަށަވަރު ނޮކޮށް ހުރުން ފަދަ ކަންކަން ފާހަގަ ވާތީ ކޮމިޝަނުން ވަކި ގޮތެއް އަންގަންދެން ފްލެޓް ދޫކުރުމާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ހުއްޓާލަން ވަނީ އަންގާފައެވެ.