ފަލަސްޠީނުގެ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލު ކަމުގައިވާ ”އަލް-ޝިފާ“ އިން ހަތިޔާރު ފެނިފައިވާ ކަމަށް ޔަހޫދީން ބުނެފިއެވެ.

ޣައްޒާއަށް ހުއްޓުމެއް ނެތި، ބޮން އަޅަމުން އަންނަތާ މަސް ދުވަސް ވެފައިވާއިރު، މި ޙަމަލާތަކުގައި 11،000 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

ޝިފާ ހޮސްޕިޓަލުގައި ޒަޚަމްވެފައިވާ އެތައް ބަޔަކަށް ފަރުވާދީ، ހަނގުރާމައިގައި ގެދޮރު ގެއްލުނު އެތައްހާސް ބަޔަކު ހިޔާވަހިކަން ހޯދައިގެން ތިބިއިރު، ޔަހޫދީ ސިފައިން އެތަނަށް ވަދެގަނެ، އެތަނުން ހަމާސް ޖަމާޢަތުގެ ހަތިޔާރު ހޯދައިފައިވާ ކަމަށް ވަނީ ބުނެފައެވެ. ހަމާސްއިން ވަނީ ވަގުތުން އެކަން ދޮގުކޮށް ބަޔާނެއް ނެރެފައެވެ.

ފަލަސްޠީނުގެ ފޮރިން މިނިސްޓްރީން ވެސް މިކަން ދޮގުކޮށް ބުނީ، ޝިފާ ހޮސްޕިޓަލަށް ހަތިޔާރު ވެއްދީ ޔަހޫދީން ކަމަށާއި، އެ މީހުން އެތަނަށް ވަދެގަނެގެން ކުރަމުންދާ ކަންކަން އެހެން ބަޔަކަށް ނާންގާ ކަމަށެވެ.

ޝިފާ ހޮސްޕިޓަލަށް ވަދެގަނެގެން އުޅޭ ޔަހޫދީން ވަނީ އެ ތަނުގައި މަސައްކަތް ކުރާ ދެ އިންޖިނިއަރުން ވެސް ހައްޔަރުކޮށްފައެވެ. ފަލަސްޠީނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ޔަހޫދީން ހައްޔަރު ކުރީ އެ ހޮސްޕިޓަލުގެ ހަމައެކަނި އިލެކްޓްރިކް ޖަނަރޭޓަރ މެކޭނިކާއި، އޮކްސިޖަން ސްޓޭޝަންތަކަށް ޚާއްޞަ ހަމައެކަނި ޓެކްނީޝަން ކަމަށެވެ.