އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ ރޭހަށް ނުކުންނަވައި، ކެމްޕެއިން ތެރޭގައި ދައްކަވައިފައިވާ ހުރިހައި ވާހަކަފުޅެއް ހިމަނައިގެން ފޮތެއް ނެރުއްވައިފިއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ އިންތިޤާލީ އޮފީހުގެ ވެރިޔާ، ޢަބްދުއްރަޙީމްއެވެ.

ރައީސް މުޢިއްޒު ރައްޔިތުންނާއި ނޫސްވެރިންނާއި ބައްދަލުކުރައްވައި ދައްކަވައިފައިވާ އެންމެހައި ވާހަކަފުޅެއް ހިމެނޭ މި ފޮތުގައި ޖުމްލަ 900 ޞަފްޙާ ހިމެނެއެވެ.

އެމަނިކުފާނު ރަށްރަށަށް ވަޑައިގެން ނަންގަވާފައިވާ ފޮޓޯތަކާއި ވަޢުދުތައް ވަކިން ފެންނާނެހެން ވެސް މި ފޮތުގައި ވަނީ ލިޔުއްވައިފައެވެ.

ރިޔާސީ ކެމްޕެއިނުގައި މުޢިއްޒުއަށް ރަށްރަށަށް ވަޑައިގެން ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވަން ލިބިވަޑައިގަތީ މަދު ދުވަސްކޮޅެއް ކަމުގައި ވިޔަސް، އެމަނިކުފާނު ވަނީ ވަރަށް ގިނަ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ގިނަ ވަޢުދުތަކެއް ވެވަޑައިގެންފައެވެ.

އެމަނިކުފާނު ވަނީ ހުރިހައި ވަޢުދުފުޅެއްވެސް ފުރިހަމައަށް ފުއްދަވައިދެއްވާނެކަމުގެ ޔަޤީންކަން އަރުވައިފައެވެ.

އިންތިޚާބީ ރައީސް މުޢިއްޒު ހުވައި ކުރައްވަވާނީ، އަންނަ ހުކުރު ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައެވެ.